ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު މައްސަލައިގައި އެމީހާ ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، 24 އޮގަސްޓް 2026ވަނަ ދުވަހު ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާގެ ރައްޔިތެއްކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރ ނަމަކަށް ކިޔާ މި މީހާގެ ލަގެޖު ބަލާ ފާސްކުރުމުގައި ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިފައިވާ ކަމަށެވެ.


ޢުމުރުން 36 އަހަރުގެ މި މީހާގެ ލަގެޖުން މި ތަކެތި ފެނުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަޤުތުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ މި މައްސަލައިގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް، 25 އޮގަސްޓް 2026ވަނަ ދުވަހު (އިއްޔެ) ކޯޓަށް ޙާޟިރުކުރުމުން، އިތުރު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.