ފާއިތުވި އަހަރުތަކާ ޚިލާފަށް މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ތަފާތުވާނެކަމަށާއި، މި މައުރަޒުގައި 780 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ މައުރަޒު ފެނިގެންދާނީ ވަރަށް ޝައުޤުވެރި އަދި ފުރިހަމަ މައުރަޒެއްގެ ގޮތުގައި ކަމަށެވެ.
ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން އިޤްތިޞާދީ ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މިއަހަރު 780 ފަރާތަކުން ބައިވެރިވެފައިވާކަމަށާއި، އަދި މިއަހަރު ބައިވެރިކުރާ އުފެއްދުންތައްވެސް ފާއިތުވި އަހަރަށްވުރެ ސަތޭކަ ގުނަ އިތުރުކަން ފާހަގަކުރެއްވިއެވެ.
"ބައިވެރިންގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު ހުރީ 240. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 780 އަށް އަރާފައި. މިއީ 225 އިންސައްތައިގެ ބޮޑު ކުރިއެރުމެއް. ހަމައެއާއެކު، މިދިޔަ އަހަރު 2،400 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު އެ އަދަދު ވަނީ ސައްތައިން ސައްތަ އިތުރުވެ، 4،800 އުފެއްދުމަށް އަރާފައި. މިއީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ކެޓަގަރީއެއްގެ ދަށުން އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ މި މައުރަޒު ހުޅުވާލާފައިވަނީ ޢުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި ކައުންސިލްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ވިޔަފާރިތަކަށް ފަހި މާކެޓެއް ހޯދައިދިނުމާއި، އީޖާދީ ޚިޔާލުތައް ބަދަލުކުރުމުގެ މަޤުޞަދުގައި ބާއްވާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިޤްތިޞާދީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ.
