މޯލްޑިވިއަންގެ ސީޕްލޭން ޓަރމިނަލް އަލުން ތަރައްޤީކޮށް، ޒަމާނީ ޚިދުމަތްތަކާއެކު އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އައު ޓަރމިނަލް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

މިދިޔަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން ޓަރމިނަލްގެ އިންޓީރިއާ އަދި އެކްސްޓީރިއާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ސީޕްލޭން ލައުންޖު ވަނީ ކުރިއަށްވުރެ ދެގުނަ ބޮޑުކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ކިޑްސް ޕްލޭ އޭރިއާއެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ލުއިކާނާއާއި ސުވެނިއާ ލިބޭނެ ކިއޮސްކެއްވެސް ވަނީ ހިމަނާފައެވެ. އަދި މުވައްޒަފުންނަށް ޚާއްޞަ ކެންޓީނަކާއި، ބޯޑިން ގޭޓުގެ އަދަދު އިތުރުކޮށް ދިވެހިވަންތަ މާޙައުލެއް ރަމްޒުކޮށްދޭ އައުޓްޑޯ އޭރިއާއެއް ލައުންޖުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ، ޤައުމީ އެއާލައިން، މޯލްޑިވިއަން އަށް މި ސަރުކާރުން ގެނައި ބަދަލުތަކުގެ އެދެވޭ ނަތީޖާ ދަނީ ދުވަހެއް ދުވަހަކަށް ފެންނަމުން ކަމަށެވެ. އަދި އައު ސީޕްލޭން ޓާމިނަލް ޤާއިމުކޮށްފައިވަނީ ސީޕްލޭން އިންޑަސްޓްރީގައި ބަލައިގަންނަ ފެންވަރަކަށް ކަމަށާއި، ކުންފުންޏެއް ކުރިއަރައި ދައުލަތަށް ފައިދާވާނެ ގޮތުގެ މިސާލެއްގެ ގޮތުގައި މޯލްޑިވިއަންގެ ތަޖުރިބާ ހަނދާން ބަހައްޓަންޖެހޭ ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެންމެ ދެ ބޯޓާއެކު ފެށި މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް، 2015 ގައި ރަސްމީ ޓަރމިނަލަކާއެކު ފުޅާވެ، މިހާރު ވަނީ 11 ބޯޓުގެ ފްލީޓަކަށް ބަދަލުވެފައެވެ.

ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ ގޮތުން އެންމެ ފަހުގެ "ޓުވީން އޮޓަރ ކްލާސް 300ޖީ" ގެ ދެ ބޯޓު ހޯދުމަށް މިދިޔަ އޮގަސްޓް މަހު ވަނީ އޯޑަރު ދީފައެވެ. މޯލްޑިވިއަންއިން މަޢުލޫމާތު ދޭ ގޮތުގައި މި ދެ ބޯޓު ކުރިއަށް އޮތް އަހަރުތެރޭގައި ރާއްޖެ ގެނެސް، އުދުހުންތަކުގައި ބޭނުންކުރަން ފަށާނެއެވެ.