1448ހ. ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ހުޅުމާލޭގައި އިތުރު 3 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހުޅުމާލޭގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ 3 މިސްކިތެއްގެ މަޢުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުންނެވެ. 

އެގޮތުން ހުޅުމާލޭގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރަމުން އަންނަ މަސްޖިދު މާޔާ އަންނަ ނޮވެންބަރު މަހު ރަސްމީކޮށް ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން ހުޅުމާލެ ފޭސް 1ގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރަމުންދާ މަސްޖިދު ޢާއިޝާ އާއި، ހުޅުމާލޭ ފޭސް 2ގެ އަމާން އުދަރެސް ސަރަޙައްދުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރަމުންދާ މިސްކިތްވެސް އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. 

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 14 މިސްކިތެއް ހުޅުވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ދަނީ ހިންގަމުންނެވެ. ބައެއް ރަށްރަށުގައި މިސްކިތްތަކުގެ އަމަލީ މަސައްކަތް މުޅިން ނިމިފައިވާއިރު، އަނެއްބައި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ވަނީ ފަރާތްތަކާ ހަވާލުކޮށްފައެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ބުނީ، މިސްކިތްތައް އިމާރާތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް މިސްކިތްތައް ނިމުމުގެ މަރުހަލާގައި ވާއިރު، އެހެން ބައެއް މިސްކިތްތަކުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ކަނޑައެޅިފައިވާ ތާރީޚަށް މިސްކިތްތައް ނިންމޭނެ ކަމުގައެވެ.