އެއްގޮތަކަށްވެސް ލިޔަންކިޔަން ނުދަންނަ، މިޞްރުގެ ރައްޔިތެއްކަމުގައިވާ ޢުމުރުން 71އަހަރުގެ އަލްޙާއްޖަތު ސުއްކަރާ ޤުރުއާން ހިތުދަސްކުރީ ރޭޑިޔޯއިން ޤުރުއާން ކިޔަވާ އަޑުއަހައިގެން ކަމުގައި ބުނެފިއެވެ.

މިޞްރުގެ މުނޫފިއްޔާ މުޙާފަޟާގެ އަލްޝުހަދާއު ސަރަހައްދުގެ "މީތު ޝަހާލާ" އަވަށަށް ނިސްބަތްވާ، އަލްޙާއްޖަތު ސުއްކަރާ މިފަދައިން ބުނެފައިވަނީ، އަޒްހަރުން އިންތިޒާމުކުރި ޤުރުއާން ކިޔެވުމުގެ ދުވަހުގައި ބައިވެރިވުމަށްފަހުއެވެ.

ލިޔަން ކިޔަން ނޭންގުނުކަމުގައިވިޔަސް، ރޭޑިޔޯއިން ޤުރުއާން އަޑުއެހުމާއެކު، ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކަށް ޙާޟިރުވެގެން މުޅި ޤުރުއާން އެއްކޮށް ހިތުދަސްކުރެވިފައިވާ ކަމުގައި އޭނާ ބުނެފައިވެއެވެ.

މިޞްރުގެ އޮންލައިން ނިއުސް ޕޯޓަލްއެއް ކަމަށްވާ "ޤާހިރާ 24" އަށް ދީފައިވާ ޚާއްޞަ ބަސްދީގަތުމެއްގައި އޭނާ ބުނީ، ޤުރުއާން ހިތުދަސްކުރަން ފެށީ ޢުމުރުން 50 އަހަރުގައި ކަމަށެވެ. އަދި ހިތުދަސްކުރަން ފެށިއިރު، އެންމެ ފުރަތަމަ ދަސްކުރަމުން އައީ ދުވާލަކު ދެ އާޔަތްކަމަށާއި، އެ ދެ އާޔަތް ހަނދާނުގައި ސާބިތުވަންދެން މުޅި ދުވަހު ތަކުރާރުކޮށް ކިޔައި މުރާޖަޢާ ކުރަނީ ކަމުގައި ބުނެފައިވެއެވެ.

މުޅި ޤުރުއާން ހިތުދަސްކުރެވުނު ސަބަބާ ގުޅޭގޮތުން އޭނާ ބުނީ، އެއީ ހުއްޓާނުލައި އުއްމީދާއެކު އެކަމުގައި ސާބިތުވެހުރެ، ކުރެވުނު މަސައްކަތާ، ޤަވާޢިދުން މުރާޖަޢާކުރުން ކަމުގައެވެ.

އަދި އިތުރަށް އޭނާ ބުނީ، ދާދިފަހުން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތެއްގައި ބައިވެރިވެ، ޤުރުއާން ހިތުން ކާމިޔާބު ކަމާއެކު ކިޔައިދިން ކަމުގައެވެ. އަދި އެކަމުގެ ސަބަބުން، އެތަނުގައި ތިބި އެންމެންވެސް އޭނާއަކީ ލިޔަންކިޔަން ނޭންގޭ މީހެއްކަމުގައިވިޔަސް، އޭނާގެ ހިތުދަސްކުރުމުގެ ބާރު ގަދަކަމާ، ފުރިހަމަކަމުން އެކަމާމެދު އަޖައިބުވިކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު ޤުރުއާނުގެ 5 ފޮތް (ޖުޒުއު) މުރާޖަޢާ ކުރުމަށް އޭނާ ސަމާލުކަން ދީފައިވާކަމަށާއި، އަދި ހަފްތާއަކުން މުޅި ޤުރުއާން އެއްކޮށް ކިޔަވައި ނިންމާލާކަމުގައިވެސް އޭނާ ބުންޏެވެ.

އަލްޙާއްޖަތު ސުއްކަރާ އިތުރަށް ބުނެފައިވެއެވެ: "އަހަރެން ގޭގައި ދުވާލު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރޭގަނޑު އެއްކޮށް، ކޮށް ނިންމާލަމެވެ. އެއީ ދުވާލުގެ ވަޤުތުގައި އެއިންއެއްވެސް ކަމަކާ ވިސްނަން ނުޖެހި ޤުރުއާނަށް މުޅި ދުވަސް ހުސްކުރުމަށްޓަކައެވެ."

އަދި މިހާރު ދުނިޔެދޫކޮށްފައިވާ އޭނާގެ ފިރިމީހާ، އޭނާއާމެދު އަދި އޭނާގެ ޤުރުއާން ހިތުދަސްކުރުމާމެދު ފަޚުރުވެރިވާކަން ފާހަގަކުރަމުން ބުންޏެވެ. "މާތްﷲ އަހަރެންގެ ފިރިމީހާއަށް ރަޙްމަތްލައްވާށިއެވެ. އޭނާ އަހަރެންގެ ވާހަކަ ދައްކައި ފަޚުރުވެރިވެ، އަހަރެން މިއީ ﷲގެ ފޮތް ހިތުދަސް މީހެކޭ އެންމެންގެ ކުރިމަތީގައި ބުނެއުޅުނެވެ."

ކިތައްމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް، ކެތްތެރިކަމާއި، ސާބިތުމާއެކު ޤުރުއާން ހިތުދަސްކުރުމުގައި ކުރިއަށްގޮސްގެން ކާމިޔާބު ލިބޭނޭ ކަމުގެ ނަމޫނާއެއް ކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދަނީ މިކަން ފާހަގަކުރަމުންނެވެ.

އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކަށްވެސް މި ޙާދިޘާއިން ޢިބުރަތް ޙާޞިލްކޮށް، އުއްމީދާއެކު މަސައްކަތް ކޮށް، ޤުރުއާން ހިތުދަސްކޮށް، އެކަމުގެ ސަވާބާއި ދަރުމަ ޙާޞިލްކުރުމުގެ ތައުފީޤު ދެއްވާށިއެވެ. آمين