އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅުތަކެއް އަޅަންފަށާނެކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
މި ބަދަލު ގެންނަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު 16/2026ގެ 93 ވަނަ މާއްދާގެ ދަށުންނެވެ. މިކަމާ ގުޅިގެން އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވިދާޅުވީ، މިއަދުން ފެށިގެން 7 ދުވަސް ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ.
އެވުޒާރާއިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް އެކަމުގެ މަޢޫލޫމާތު ޙިއްޞާކުރަމުންދާނެ ކަމަށެވެ. އެހެންވުމުން އެކިކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ އެފަރާތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، 7 ދުވަސް ތެރޭގައި މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އަދި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތަކާއި މަގުތައްވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ބަލަމުންދާނެއެވެ.
އޭގެ އިތުރުން މާލޭގެ މަޖީދީމަގާއި، އަމީނީ މަގާއި، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް)ގައި ޤަވާޢިދާ ޚިލާފުވާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެއެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުމާއި، ސައިމާ ހިނގުމާއި، ނިރޮޅު މަގާއި، ހަނދުވަރީ ހިނގުމާއި، ހިތިގަސް މަގާއި، ބަގީޗާ ހިނގުމާއި، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުމާއި، ނިރޮޅު މަގާއި، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި މި ނިޒާމު ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ވުޒާރާއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވާ ކަމުގައިވެސް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.
