މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރުފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
އާންމުންގެ އެހީތެރިކަމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދަ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މިކަމާ ގުޅުންހުރި މައްސަލަތައް ތަޙުޤީޤު ކުރުމަށް އެކުލަވައިލާފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް ދަންނަވާކަމުގައެވެ. އަދި މީގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދިނެވެ.
މިގޮތަށް މަޢުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މަޢުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމަށާއި، މައްސަލައިގެ ތަޙުޤީޤުގެ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައި އެ އިދާރާއިން ބުންޏެވެ.
އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމުގައި ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އޮގަސްޓު 31 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވާފައިވާ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ފުރަތަމަ އިޞްލާޙުގައި ވާގޮތުން، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުޢާމަލާތެއް ވެސް ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ ރޭޓުތަކުގެ ތެރޭގައެވެ. އަދި މިފަދަ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިތައް ކުރެވޭނީ ވެސް ހަމައެކަނި އެ އޮތޯރިޓީން ދޫކުރާ ޚާއްޞަ ލައިސަންސެއް ލިބިގެން ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
