މަގުމަތީގެ އަމާންކަން ގެއްލުވާލައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ ފަރާތްތައް ޕްރޮފައިލްކޮށް، ފުލުހަށް ހާޒިރުކޮށް ނަޞޭޙަތްތެރިވެ އިންޒާރު ދިނުމުގެ މަސައްކަތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަޞޭޙަތާއި އިންޒާރު ދީފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި މި މަސައްކަތުގައި، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ހާޒިރުކޮށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމުންދާއިރު، އެފަދަ އަމަލުތައް ތަކުރާރުވެއްޖެނަމަ ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ގެންދަނީ ދެމުންނެވެ. މި ހާއްސަ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަޞޭޙަތްދީފައިވަނީ އިއްޔެއެވެ.

މިގޮތުން ފުލުހަށް ހާޒިރުކޮށްފައިވަނީ 18 އަހަރާއި 22 އަހަރާ ދެމެދުގެ، ލައިސަންސާ ނުލައި އަދި ޓްރެފިކް ޤަވާޢިދުތަކާ ޚިލާފަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ގިނަ ރެކޯޑްތަކެއް އޮތް ހަތަރު ފިރިހެނުންނެވެ. އޭގެތެރޭގައި 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުންގެ އިތުރުން 22 އަހަރުގެ މީހަކު ހިމެނެއެވެ.

މި ފަރާތްތަކުގެ ރެކޯޑްތަކަށް ބަލާއިރު، ލައިސަންސް ހިފަހައްޓާފައިވަނިކޮށް ދުއްވުމާއި، ޤަވާޢިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވުމާއި، ޒިގްޒެގްކޮށް ދުއްވުމާއި، ވަންވޭއާ އިދިކޮޅަށް ދުއްވުމުގެ އިތުރުން، އުޅަނދުތައް މޮޑިފައިކޮށްގެން އަޑުގަދަކޮށް އާންމުންނަށް ބިރުވެރިކަން ގެނުވާފަދަ އަމަލުތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މި މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައެވެ.