ތުރުކީގެ ޓްރެބްޒޯން ޕްރޮވިންސްގެ ޔޮމްރާ ޑިސްޓްރިކްޓްގައިވާ މަގަކަށް، މިޞްރުގެ މަޝްހޫރު ފޯވާޑް މުޙައްމަދު ޞަލާޙްގެ ނަމުން ނަންދިނުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިނގިރޭސި ކުލަބް ލިވަޕޫލްގައި ހޭދަކުރި ކާމިޔާބު ނުވަ އަހަރަށްފަހު، މިޞްރުގެ މަޝްހޫރު ފޯވާޑް މުޙައްމަދު ޞަލާޙް، ހިލޭ ޓްރާންސްފާއެއްގެ ދަށުން ތުރުކީގެ ސުޕަރ ލީގުގެ ޓްރެބްޒޯންސްޕޯއަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރީ މި ނިމުނު އޮގަސްޓު މަހުގެ 2ވަނަ ދުވަހުއެވެ..
ޔޮމްރާގައި ޞަލާޙް ދިރިއުޅޭތީ އެހިސާބުގައި އުފެދިފައިވާ ޖޯޝާއި ފޯރި އިތުރުވެގެން ދިޔައީ 30 އޮގަސްޓް 2026 ގައި، އޭނާ ދިރިއުޅޭ ގެއަށް ދެވޭ ގޮތަށް އޮންނަ މަގުގެ ނަން ބަދަލުކުރުމަށް ޔޮމްރާ ޑިސްޓްރިކްޓްގެ މޭޔަރު މުޞްޠަފާ ބިޔިކް އިޢުލާންކުރުން ގުޅިގެންނެވެ. ސިޓީ ކައުންސިލުން މި ހަފުތާގައި ރަސްމީކޮށް ވޯޓެއްނަގައި "ސެލްވީ މަގު" (Selvi Sokağı)ގެ ނަން "މުޙައްމަދު ޞަލާޙް މަގު" (Mohamed Salah Caddesi)ގެ ނަމަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މޭޔަރު ބިޔިކް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ތަރިއަކު އެ ސަރަޙައްދުގައި ދިރިއުޅުމަކީ ޔޮމްރާގެ ނަން މުޅި ދުނިޔެއަށް މަޝްހޫރުވެ، އިޤްތިޞާދީ ގޮތުން އެ ސަރަޙައްދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަގަށް ޞަލާޙުގެ ނަމުން ނަންދިނުމުން ތުރުކީގެ ކުޅިވަރު ތާރީޚުގައި ޔޮމްރާގެ ނަން އަބަދަށް ފަވާލެވި، ތުރުކީގެ ފުޓުބޯޅައާއި އަހަރުވެސް ގުޅިފައިވާ ކަމެއްގެ ގޮތުގައި "ޔޮމްރާ" ވެގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ތުރުކީގެ ތާރީޚުގައިވެސް ތުރުކީގެ ޓީމަކަށް ކުޅެން ސޮއިކުރި އެންމެ ބޮޑު އެއް ތަރީގެ ގޮތުގައި ތުރުކީން ދެކޭ، ޢުމުރުން 34 އަހަރުގެ ޞަލާޙް ތުރުކީއަށް ދިއުމާއެކު، އޭނާއަށް މަރުޙަބާ ކިޔުމުގެ ގޮތުން އެ ޤައުމުގެ ފުޓުބޯޅައަށް ލޯބިކުރާ، އަދި ޞަލާޙުއަށް ތާޢީދުކުރާ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޓްރެބްޒޯން އެއާޕޯޓަށް އެއްވެ، ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޞަލާޙް ދިރިއުޅުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ޓްރެބްޒޯން ޕްރޮވިންސްގެ ޔޮމްރާ ޑިސްޓްރިކްޓްގައިވާ ކަޝުސްތޫ އަވަށުގެ ފްލެޓެއްގައެވެ. އޭނާ ދިރިއުޅޭ ގޭގެ މަރާމާތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، ދަނޑުމަތީގައި ޞަލާޙް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޓްރެބްޒޯންސްޕޯއަށް ކުޅުނު ފުރަތަމަ 5 މެޗުން އޭނާ ވަނީ 3 ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި އިސްތަންބޫލް ބަޝަކްޝެހިރް ކޮޅަށް ޖެހި 2 ލަނޑާއި، އޮގަސްޓް 31 ގައި ކުޅުނު މެޗުގައި، އެސްކޭ ކޮޅަށް ޖެހި ލަނޑު ހިމެނެއެވެ. ޔޫރޯޕާ ލީގުގެ ކޮލިފައިންއިން ކްލަބް ކެޓުމާ ގުޅިގެން ކޯޗު ފާތިޙް ތެކޭ އިސްތިއުފާ ދިންނަމަވެސް، ޞަލާޙްގެ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.
