ވިޔަފާރި މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ހުންނަ ގިނަ ޢަދަދެއްގެ މުދަލުގައި، އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ވަރަށް ގިނައިން ވުޒާރާއަށް ލިބޭކަމަށެވެ. މިއީ ޤާނޫނީ ގޮތުން މަނާކަމެއްކަން ހަނދުމަކޮށްދެއްވަމުން، އެ ވުޒާރާގެ އިޢުލާނުގައި ވަނީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2020/12)ގެ 16 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއްކަމަށެވެ.
ޢާންމު މަޢުލޫމާތެއްގެ ގޮތުގައި ހުރިހާ ފަރާތްތަކަށްވެސް ހަނދާންކޮށްދިނުމުގެ ގޮތުން، ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި، މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން މުދަލުގައި އަގުޖަހާފައިވާ ކަމަށް ބެލެވޭނީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ވާނަމަ، ނުވަތަ، އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުމުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
