ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، އެލްނީނޯގެ އަސަރުކޮށްފައިވާ ދުވަސްވަރަކަށްވާތީ ކުއްލިއަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ބެލެވެނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ބަލައި މެޓް އޮފީހުން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން އަންދާޒާކުރާ ގޮތަށް ބަލާއިރު، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، މިވަޤުތުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ހާމަކުރައްވައެެވެ.
