މާލެ ސަރަޙައްދުގެ ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެވެ.

މިހާރު ކުރަމުންދަނީ މި މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދެވޭނެތޯ ބެލުމަށް، ސައިޓުގައި ކުރިއަށްގެންދާ ޢަމަލީ ދިރާސާތަކާއި ފެން ތަޙުލީލުކުރުމުގެ މަސައްކަތްތަކެވެ.

މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން "ފްލޯޝަން"ގެ ޓެކްނިކަލް ޓީމުން ވަނީ، ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގައިފައެވެ. ފުރަތަމަ މަރުހަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑުގެ އަޑިން ނަގާފައިވާ ފެނަކީ، ސާފު ފެނެއްކަން ދެނެގަނެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. އަދި ސާމްޕަލްގެ ލެބޯޓްރީ ތަޙުލީލުތަކަށްފަހު މިއީ ފެނުގެ ކޮލިޓީ މިންގަނޑުތަކަށް ފެތޭ ފެނެއްކަން ސާފުވެގެންދާނެއެވެ.

މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީއިން ވަޒަން ކުރާނެއެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީއިން ގެންގުޅޭ ތަޞައްވުރަށް އެޅޭ މުހިންމު ފިޔަވަޅަކަށްވެގެންދާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.