ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކޮށް، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެވެސް ފަރުދީ އަދި ޤައުމީ ޒިންމާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި ދަނޑުވެރިކަމާއި މަސްވެރިކަން ކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެންމެހާ ދިވެހި ރައްޔިތުން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖޭގައި ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަތައް ވަރުގަދަކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރާނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި އުފެއްދުންތެރިންގެ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، އައު އީޖާދުތައް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރެވި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށްވެސް އެކަށީގެންވާ އަގުހެޔޮ މިންވަރެއްގައި، ފައިދާހުރި ކާބޯތަކެތި އިތުބާރާއެކު ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތާޒާ މޭވާ ހެއްދުމަށްޓަކައި ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ހުރި ހުސްބިންތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތްވަރުދެއްވާފައެވެ. އަދި ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ، ޤައުމީ ވިލުންތެރިކަމަށާއި ދެމެހެއްޓެނިވި އިޤްތިޞާދަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.