މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 އިންސައްތަ އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

2025ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12.04 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާއިރު، 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17.37 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ޒަކާތު ހައުސް އިން މަޢުލޫމާތު ދިނެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން 1.75 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. މި ބައިގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115،250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155،950 ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ޒަކާތު ހައުސް އިން މަޢުލޫމާތު ދިނެވެ.

ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހުގައި ކަމަށްވާތީވެ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގުރާމަކަށް 32.38 ލާރީގެ ރޭޓުން 595 ގުރާމަށްވާ 19،266.10ރ. ކަމަށް ޒަކާތު ހައުސް އިން ކަނޑައަޅާފައިވެއެވެ.