އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑާ ދެމެދު، އުރީދޫގެ "މަސްޖިދުނާ ޕްރޮޖެކްޓް" ގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމާއި އަދި ތަރައްޤީކުރުމުގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާއެއް (އެމް.އޯ.ޔޫ)ގައި ސޮއިކޮށްފިއެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.
މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި މިސްކިތްތައް މަރާމާތުކުރުމާއި، ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން އެއާ ގުޅުންހުރި އެކި މަސައްކަތްތައް ސަރުކާރާއި އުރީދޫއާ ގުޅިގެން އިންތިޒާމުކުރެވިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ދަށުން ހިންގާ "މަސްޖިދުނާ ޕްރޮޖެކްޓް" އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގެ ދީނީގޮތުންނާއި އިޖުތިމާޢީގޮތުން މުހިންމު ބިނާތަކުގެ އެހީތެރިކަމަށް އިސްކަންދީ، އިޖުތިމާޢީ ގޮތުން އެހީތެރިވެދިނުމުގެ މަޤްޞަދުގައެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދިނުމަށް މި މަޝްރޫޢުގެ ދަށުން އިސްކަންދެވޭނެއެވެ.
