މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން. މިހިނގާ އޮކްޓޯބަރު މަހުގެ 28ވާ ބުދަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 (އިންޒެކް 2026)ގެ ކީނޯޓް ސްޕީކަރުން އެ ހައުސްއިން އިޢުލާންކޮށްފިއެވެ.

މި ކޮންފަރެންސަކީ، ފަޤީރުކަން ނައްތާލައި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އީޖާދީ ގޮތްތައް ހޯދައި މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސެއްކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައެވެ.

މި އަހަރުގެ ކޮންފަރެންސްގެ މައިގަނޑު ސުރުޚީއަކީ ’އަދުގެ މުޖުތަމަޢުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ޙާލަތްތަކާއި، އަރާ އިޤުތިޞާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން' މިއެވެ. މި ކޮންފަރެންސްގައި އިސްލާމިކް ސޯޝަލް ފައިނޭންސާއި، ޒަކާތުގެ އިދާރީ ކަންކަމާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުންނާއި ސިޔާސަތު އެކުލަވައިލައްވާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައެވެ.

ޚާއްޞަ 3 ސެޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި ކޮންފަރެންސްގައި ތަޤްރީރުކުރައްވާނީ 3 މުޤައްރިރުންކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވައެވެ. އެއީ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއާއި އިންސީފް އުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޑރ. ޢާމިރު ބިން ޝަހާރުއްދީން އާއި ލެމްބާގާ ޒަކާތު ނެގެރީ ކެޑާގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަޙްމަދުއެވެ.

މި ކޮންފަރެންސްގެ ސަބަބުން ވަޤުތީ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އިތުރަށް ޒަކާތުގެ ދައުރު ފުޅާވެ، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައެވެ.