ޙައްޖު ކިޔޫގައި ތިބޭތާ 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މި ގޮތަށް ހަމަޖެއްސެވީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދަށް ބަލައި، ކިޔޫގައި ދޮށީ ޢުމުރުގެ ގިނަ ބޭފުޅުންތަކެއް ތިއްބެވުމާއެކު، ވީހާވެސް އަވަހަށް އެ ފަރާތްތަކަށް ފަރުޟު ޙައްޖު އަދާކުރުމުގެ މަގު ފަހިކޮށްދީ، ކިޔޫގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުކުރުމުގެ ގޮތުންނެވެ.

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަނާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިޔޫއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން، އެންމެންނަށް ހަމަހަމަކަމާއެކުގައި ކަމަށެވެ.

"މިއީ ޢުމުރުން ދުވަސްވެފައި ތިބި ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް. މި ބަދަލާއެކު އެހީތެރިންނާއެކު ގާތްގަނޑަކަށް 410 މީހުންނަށް މިއަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެ،" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

އުސޫލު ތަންފީޒުކުރާނެ ގޮތް:

މި ނިންމެވުމުގެ ތަފްސީލު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ:

  • ކިޔޫގައި 3 އަހަރުވީ ފަރާތްތައް ކަމުގައި ބައްލަވާނީ: 31 ޑިސެންބަރު 2023 ގެ ނިޔަލަށް ފައިސާ ދައްކަވައި ނިންމަވާފައިވާ ފަރާތްތައް.

  • 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބައްލަވާނީ: 31 ޑިސެންބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރޭ ފަރާތްތައް.

މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ 324 މީހުންނަށް މިއަހަރު ފުރުޞަތު ލިބޭއިރު، އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ.

އެމްޑީ ފިރްޒުލް އިތުރަށް ކަށަވަރުކޮށްދެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ޢުމުރުފުރާގެ މީހުންނަށް މިއަހަރު ޙައްޖަށް ދިއުމުގައި އެއްވެސް ލަސްކަމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި އެފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ ޢާއިލީ މެންބަރަކަށްވެސް އެކުގައި ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި އުޞޫލުގެ ދަށުން ފުރުޞަތު ދެވޭނީ މީގެ ކުރިން ފަރުޟު ޙައްޖުގެ ވާޖިބު އަދާކޮށްފައިނުވާ ފަރާތްތަކަށް އެކަންޏެވެ. 65 އަހަރުން ދަށުގެ ބައެއް ބޭފުޅުންނަށް އެއްއަހަރުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، މިއީ ޢުމުރުން ދުވަސްވީ ގިނަ ރައްޔިތުންތަކަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޙައްޖު ކިޔޫއިން ޒުވާން ޢުމުރުފުރާތަކަށް ފުރުޞަތުތައް އަވަސްވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން އުއްމީދުކުރެއެވެ.