ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ ހަމައެކަނި މަޤާމުގެ ކުރިއެރުމެއް ނުވަތަ ރޭންކެއް ހޯދުމުގެ ނިޔަތުގައި ތިބޭ ބަޔަކަށް ނުވެ، މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ޤާބިލު ލީޑަރޝިޕެއް ޢަމަލީ މައިދާނުގައި ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން ހިންގި 6 ވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެންސީޕީއެލްއީގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، 9 މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީނު ފުރިހަމަކުރި 35 އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށް، މުއައްސަސާގެ އިސް ލީޑަރޝިޕްގެ ޒިންމާތަކާ ޙަވާލުވުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށެވެ. އަދި މި ކޯހަކީ މުއައްސަސާގެ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ވަޤުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ކޮލިޓީ ދަމަހައްޓައި ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.
މުވައްޒަފުން ތަމްރީނުކޮށް، ޢިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ މުއައްސަސާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނީ ޢިލްމީ ގޮތުން ޤާބިލު، ހުނަރުވެރި، އަދި ރައްޔިތުން އިތުބާރުކުރާ ފަދަ ތަޖުރިބާކާރު ފުލުހުން ތިބި މުއައްސަސާއަކަށް ކަމަށެވެ.
