ދިވެހި ފުލުހުންގެ ޚިދުމަތުގެ މާލެ ސަރަޙައްދުގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު، އިސްކަންދަރު ބިލްޑިންގގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ކުލައާއި މެޑަލް ލިބުނު ހުރިހާ ފުލުހުންނަށް މަރުޙަބާ ދަންނަވައި، އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، މި ރަސްމިއްޔާތުގައި މާލެ އޭރިއާގައި މަސައްކަތްކުރާ 130 ފުލުހަކަށް ކުލަ އަދި 86 ފުލުހަކަށް މެޑަލް ވަނީ ޙަވާލުކޮށްފައެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ 40 ފުލުހަކަށް ކުލަ އަދި 49 ފުލުހަކަށް މެޑަލް ޙަވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.