ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނާއި ފަންނީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބަންގްލަދޭޝް ހައިކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމަކީ، ދިވެހި ނޫސްވެރިންނާއި މީޑިއާ ދާއިރާގެ ފަންނުވެރިންގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެމް.އެމް.ބީ.ސީގެ އިސްނެގުމަކަށް ބޭއްވި ބައްދަލުވުމެކެވެ.

މި މުހިންމު ބައްދަލުވުމުގައި އެމް.އެމް.ބީ.ސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަހީދާއި، މެންބަރު އަލްއުސްތާޛާ އާމިނަތު ޞަރާހަތު ޢިއްޒަތާއި، މެންބަރު ޢަބްދުލް ޢަޒީޒް އިބްރާހީމްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލެވެ. ބަންގްލަދޭޝްގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް އިންނެވީ ސަފީރު ޑރ. އެމް.ޑީ ނަޒްމުލް އިސްލާމެވެ.

ދެފަރާތުގެ ދެމެދުގައި ކުރެވުނު މި މަޝްވަރާތަކުގައި، ބަންގްލަދޭޝްގެ ސަފީރު ޑރ. ނަޒްމުލް އިސްލާމް ވަނީ އެމް.އެމް.ބީ.ސީއިން ހުށަހެޅުއްވި ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވައި، އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި، ކަމާގުޅޭ އެކިއެކި މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މިފަދަ މަޝްވަރާތައް ކުރިއަށްގެންދިއުމަށް އެމް.އެމް.ބީ.ސީއިން ވަނީ ނިންމަވާފައެވެ.