ރާއްޖެއިން ބޭރަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރާ 1000 އެމެރިކާ ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ހަ ޤައުމަކަށް އެކަނި ލިބޭގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މި ބަދަލުގެ ދަށުން 1000 ޑޮލަރު ލިބޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫ.އޭ.އީ އަށް ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ. މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާއަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުމަށް ކަމަށްވެސް އެމްއެމްއޭ އިން ހާމަކުރައްވައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 41.1 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެއްކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިފައިސާ ދޫކުރަމުންދާނީ ކުރިއެކޭވެސް އެއްގޮތަށް ބޭންކުތައް މެދުވެރިކޮށެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރާ 2000 ޑޮލަރުވެސް، ކުރިއެކޭ އެއްގޮތަށް އެ ފަރާތްތަކަށް ލިބޭނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
