ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އުމްރާނީ ތަރައްގީ އިތުރަށް ފުޅާކުރުމަށްޓަކައި، މިއަހަރުގެ މިހާތަނަށް 1.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ ބަޖެޓުގައި ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތަކަށް ކަނޑައެޅި 2.3 ބިލިއަން ރުފިޔާގެ ތެރެއިން 83 އިންސައްތަ މިހާރު ވަނީ އެކި މަޝްރޫއުތަކަށް ހަރަދުކުރެވިފައެވެ.

މިއަހަރުގެ ބަޖެޓުގައި މިދާއިރާއިން ބޮޑު ބައެއް ކަނޑައެޅައިފައިވަނީ ބްރިޖު އެޅުމުގެ މަޝްރޫއަށެވެ. އެގޮތުން މި މަޝްރޫއަށް 798 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް މަގުހެދުމުގެ މަޝްރޫއުތަކަށް ހާއްސަކޮށްފައިވާއިރު، އެ ދާއިރާއަށް ކަނޑައެޅި 556 މިލިއަން ރުފިޔާގެ ތެރެއިން މާލޭގެ ބޮޑުތަކުރުފާނުމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ މުހިންމު މަސައްކަތްތަކެއް މި އަހަރު ވަނީ ކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 540 މިލިއަން ރުފިޔާ އަދި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 393 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ.

ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 8.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، މިހާތަނަށް ހަރަދުކޮށްފައިވާ 4.8 ބިލިއަން ރުފިޔާގެ ތެރެއިން 40 އިންސައްތައަކީ ދަތުރުފަތުރާ ގުޅުންހުރި މުހިންމު އުމްރާނީ މަޝްރޫއުތަކަށް ކޮށްފައިވާ ހޭދައެވެ.