ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ތެރެއިން، ކޯސްފީ ދެއްކުމުގައި ދަތިކަން ދިމާވެފައިވާ 47 ދަރިވަރަކަށް، އެ ޔުނިވަރސިޓީގެ ޗެރިޓީ ފަންޑުން ދޭ މާލީ އެހީތެރިކަން ޙަވާލުކޮށްފިއެވެ.
ޗެރިޓީ ފަންޑުން މި އެހީ ދަރިވަރުންނަށް ޙަވާލުކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް، މި މަހުގެ 11 ވީ އާދީއްތަ ދުވަހު އައި.ޔޫ.އެމް ހޯލުގައި ވަނީ ބާއްވާފައެވެ.
އައިޔޫއެމް އިން މައުލޫމާތު ދެއްވި ގޮތުގައި، މި ސެމިސްޓަރުގައި އެ ޔުނިވަރސިޓީގެ ޗެރިޓީ ފަންޑުން އެހީ ހޯދުމަށް އެދި ޖުމްލަ 53 ދަރިވަރަކު ފޯމު ހުށައެޅިއެވެ. އޭގެ ތެރެއިން އެހީ ދިނުމަށް ހޮވިފައިވަނީ 47 ދަރިވަރުން ކަމަށާއި އެ ދަރިވަރުން ހޮވާފައިވަނީ އެހީ ފަންޑުގެ މިންގަނޑުތަކަށް ބަލައިގެންކަމަށް އިސްލާމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ.
މި ދަރިވަރުންގެ ކޯސް ފީ ދެއްކުމަށްޓަކައި ޗެރިޓީ ފަންޑުން ޖުމްލަ 469,410.83 (ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ އަށްޑިހަ ތިން ލާރި) މިއަހަރު ޚަރަދު ކުރާނެކަމަށްވެސް އައި.ޔޫ.އެމް އިން މައުލޫމާތު ދެއްވައެވެ.
