މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާންއެވެ. މީގެއިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސިއްދީޤާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙްގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ޢަލީ އިޙުސާން ވަނީ ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި ވަނަތައް ހޯދި ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގާގައި ވަރަށް ބޮޑު ޤައުމީ ވާޖިބެއް އަދާކުރާ ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުށްވެރިން ޝަރުޢީ މަރުޙަލާއަށްފަހު ޖަލަށް ގެނެވި، އަނބުރާ މުޖުތަމަޢަށް ދޫކޮށްލުމާ ދެމެދު އެމީހުން ބަލަހައްޓައި، އިސްލާޙުކޮށް، މުޖުތަމަޢު ބަލައިގަންނަ ފަރުދުންނަށް ހެދުމުގެ ބޮޑު ޒިންމާ އޮތީ އޮފިސަރުންގެ ކޮނޑުގައި. ކޮންމެފަދަ ހުށަހެޅުމެއް އައިނަމަވެސް، އަމިއްލަ ނަފްސަށާއި ދަޢުލަތަށް އަދި ދީނަށް ތެދުވެރިވެ، އިންޓެގްރިޓީ ހިފެހެއްޓުމުގައި ސާބިތުވެ ތިބެންޖެހޭނެ،" ވަޒީރު އިޙުސާން ވިދާޅުވިއެވެ.

ޖުމްލަ 33 ބައިވެރިންނާއެކު ފެށި މި ތަމްރީނު ކޯސް 32 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ކުރިން އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރަކުވެސް ހިމެނެއެވެ. މިއީ ކަރެކްޝަންސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންގެ މަސްޢޫލިއްޔަތުތަކަށް އަހުލުވެރިކުރުވައި، އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި އޮފިސަރުންނަށް ސެޓްފިކެޓް ޙަވާލުކުރުމާއި، ހަޔަރ ޑިސްޓިންކްޝަން އަދި އެކި ވަނަތައް ޙާޞިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ ކަރެކްޝަންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރީޝޭޕްކުރުމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނަށާއި މުދައްރިބުންނަށް ޝުކުރު އަދާކުރައްވާފައެވެ.