ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސިނަމާލެ ބުރިޖާއި މާލެ ސަރަހައްދުގައި ބަރު މުދާ އުފުލާ އުޅަނދުފަހަރު ދުއްވާ ގަޑިތަކަށް ބަދަލު ގެނެސް، އައު ޤަވާއިދެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އިޤްތިޞާދީ ވަޒީރު ވިދާޅުވީ، މާލެ ސަރަހައްދު ތޮއްޖެހިފައިވީ ނަމަވެސް ގިނަ ވިޔަފާރިތަކެއް ހުރުމާއެކު، ބަރު އުޅަނދުތައް ދުއްވާ ގަޑިތަކަށް ބަދަލު ގެނައުމަކީ ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ އަސަރު މުޅި މުޖުތަމަޢަށް ކޮށްފާނެތީ، މި ބަދަލުތައް ގެންނަނީ ވިޔަފާރިވެރިންނާވެސް މަޝްވަރާކުރެއްވުމަށްފަހުކަން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެންމެން އެއްބަސްވެވޭ ފިޔަވަޅުތަކެއް ނެތުމުން، އެންމެ ގިނަ ފަރާތްތަކަކުން އެއްބަސްވެވޭ ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވިޔަފާރިވެރިންނާއެކު މަޝްވަރާކުރައްވާތާ ހަތަރުމަސްދުވަސްވަރު ވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އުސޫލު އެކުލަވާލުމުގައި ގޭބިސީތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ގޭހާއި ފެން އުފުލުން ފަދަ އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް މި އުސޫލު އެކުލަވާލުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އަދި އޮފީސް ވަޤުތުތަކާއި ޕީކް ގަޑިތަކުގައި ބުރިޖުމަތިން ބަރު އުޅަނދުތައް ދަތުރުކުރުމުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅާއިރު، ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތަކަށްވެސް ދަތިނުވާނެ ގޮތްތަކެއް ހޯދޭތޯ ދިރާސާ ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
