ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން 3-1 އިން ސެވިއްޔާ ބަލިކޮށް، ބާސެލޯނާއިން މި ސީޒަނުގައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ޔޫސުފް ފޮފާނާ ޖެހި ލަނޑުން ސެވިއްޔާއިން ފުރަތަމަ ލީޑު ނެގި ނަމަވެސް، ބާސެލޯނާއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ރަފީނިޔާ ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ ޒުވާންތަރި ލަަމީން ޔަމާލް ތަނަވަސްކޮށްދިން ދެ ފުރުސަތުގެ ބޭނުން ހިފައި، ރަފީނިޔާ ވަނީ އިތުރު ދެ ލަނޑު ޖަހައިފައެވެ. 52 ވަނަ މިނެޓުގައި ބޮލުން ލަނޑު ޖެހުމަށްފަހު، 69 ވަނަ މިނެޓުގައި އޭނާ ވަނީ ކީޕަރުގެ ބޯމަތިން ބޯޅަ ހިއްލާލައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތިންވަނަ ލަނޑު ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެެ.
މިއީ މި ސީޒަނުގައި ރަފީނިޔާ ޖެހިޖެހިގެން ހެޓްރިކް ހެދި ދެވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ ލީގުގައި ކުޅުނު 7 މެޗުން 12 ލަނޑު ޖަހައިފަައެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު ބާސެލޯނާއިން ވަނީ ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މިމޮޅާއެކު މިސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު 8 މެޗުންވެސް ބާސެލޯނާ ވަނީ މޮޅުފައެވެ.
ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި އެޓްލެޓިކޯ މެޑްރިޑް، ރެއަލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، މި ދެޓީމުވެސްވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.
