އަލަށް ބިނާކުރަމުންދާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހާމަކޮށްފިއެވެ.
އާރްސީސީން ބުނީ އެ ޢިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން އަދި ފިނިޝިން މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮންކްރީޓް ކުރުމާއި، ރޭނުމާއި، ސިމެންތި ޖެހުމުގެ އިތުރުން ވޯޓަރޕްރޫފިން، ކުލަލުން އަދި ދަގަނޑުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ. މީގެއިތުރުން، އެމް.އީ.ޕީ (މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިން) އާއި އެޗް.ވީ.އޭ.ސީ (އޭސީ ސިސްޓަމް) ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ބާރަށް ހިނގަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ދެން އެންމެ އަވަހަށް ފެށުމަށް ތާވަލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މުށިޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްތަކެވެ. އަދި އަލިފާން ނިއްވާ ނިޒާމާއި ލިފްޓު ގާއިމުކުރުމުގެ އިތުރުން ޢިމާރާތުގެ ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތްތައް ކަމުގައި އާރްސީސީން މަޢުލޫމާތު ދެއެވެ..
ޖުމްލަ 152.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްސީސީއާ މި މަސައްކަތް ހަވާލުކުރީ 12 ނޮވެމްބަރު 2024 ގައެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު 17 ގައި އަމަލީ މަސައްކަތް ފަށާފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ޒަމާނީ ވަސީލަތްތަކާއެކު 2027 ވަނަ އަހަރު ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވާ މި އިމާރާތަކީ، ޢަރަބިއްޔާ ސްކޫލު ތަރައްޤީކޮށް ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކަށް އެ ސްކޫލު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.
އާރްސީސީން ހާމަކުރައްވާގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް، މަސައްކަތް ފުރިހަމަކޮށް، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމެވެ.
