ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) 2026ގެ މައިގަނޑު ހަރަކާތްތައް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 2016 ވަނަ އަހަރު ފެށުނު މި ކޮންފަރެންސް މެދުކެނޑުމެއްނެތި 10 އަހަރު ކުރިއަށްގެންދިއުމަކީ އައި.ޔޫ.އެމް އިން ކުރަމުން އަންނަ އިލްމީ މަސައްކަތްތަކުގެ އަލިގަދަ ރަމްޒެކެވެ. މި އަހަރުގެ ކޮންފަރެންސް ވެގެންގޮސްފައިވަނީ ވޭތުވެދިޔަ ދިހަ އަހަރުގެ ތާރީޚުގައިވެސް އެންމެ ގިނަ މީހުންނާ ހަމައަށް ވާސިލްވި ކޮންފަރެންސަށެވެ.

މާރިޗު 26 ގައި ކޮންފަރެންސް އިޢުލާންކުރެވުނު ހިސާބުން ފެށިގެން، ދަރިވަރުންނާއި އަލަށް އިލްމީ ދާއިރާއަށް ވަންނަ ދިރާސާކުރާ ދަރިވަރުން ބާރުވެރިކުރުވައި، އެކަޑަމިކް ފެންވަރު މަތިކުރުމަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. އެގޮތުން އެޕްރީލް މަހު ފެށުނު 8 ވޯރކްޝޮޕްގައި 235 ބައިވެރިން ރަޖިސްޓްރީވެފައިވާއިރު، މުޅި ކޮންފަރެންސްގެ އެކި ހަރަކާތްތަކުގައި 18 ޤައުމަކުން 1,000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކަށް އެކެޑެމިކް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ދަޢުވަތުދީފައިވާއިރު، ބައިނަލްއަޤްވާމީ 50 ބައިވެރިއަކަށް ހިލޭ ރަޖިސްޓްރޭޝަން އަދި އެންމެ ރަނގަޅު ދިރާސާ ކަރުދާސް ހުށަހެޅި 20 ބައިވެރިއަކަށް 3 ރޭގެ ފުރިހަމަ އެކޮމޮޑޭޝަން ވަނީ ހަމަޖައްސައިދީފައެވެ. އޯގަސްޓް 30 އަދި 31 ގައި ކުރިއަށްދިޔަ ކޮންފަރެންސްގެ ދެދުވަހު، 10 ތަނެއްގައި އެއްވަގުތެއްގައި ކަރުދާސްތައް ހުށަހެޅުނެވެ. އެގޮތުން ޖުމްލަ 168 ހުށަހެޅުމެއް ރެކޯޑުކުރެވިފައިވާއިރު، 139 އެބްސްޓްރެކްޓް ޤަބޫލުކުރެވި އޭގެ ތެރެއިން 119 ކަރުދާސް ވަނީ ހުށަހަޅާފައެވެ. ޟިގެ އިތުރުން 3 ކީނޯޓަކާއި ދެ ޕެނަލް ޑިސްކަޝަންވެސް ކުރިއަށް ގެންދިޔައެވެ.

އައި.ސީ.އައި.އޭ ގެ ކުރިއަށް އޮތް ދިހައަހަރަށް އަމާޒުހިފާއިރު، ބައިނަލްއަޤްވާމީ ގޮތުން ކޮންފަރެންސް އިންޑެކްސްކުރުމާއި، ދުނިޔޭގެ ޔުނިވަރސިޓީތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޢިލްމީ ގުޅުންތައް ފުޅާކުރުމަށް ވަނީ އިސްކަންދީފައެވެ. މީގެ އިތުރުން ޢަރަބި އެކެޑެމިކް ޖަރނަލެއް އުފެއްދުމާއި، ކޮންފަރެންސްގައި އިނގިރޭސި، ޢަރަބި އަދި ދިވެހި ބަހުން ވަގުތުން ތަރުޖަމާކޮށްދޭ (ރިއަލް-ޓައިމް) ނިޒާމެއް ތަޢާރަފުކުރުން ހިމެނެއެވެ. މި އަހަރު ދިވެހި އަދި ޢަރަބި ބަހުން ލިބިފައިވަނީ މަދު ކަރުދާސްތަކެއް ކަމަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ބަސްބަހުން ދިރާސާ ކަރުދާސް ހުށަހެޅުން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށްވެސްވަނީ އަމާޒުހިފާފައެވެ.

ކޮންފަރެންސްގެ އެކެޑެމިކް ސެޝަންތަކުގެ އިތުރުން، އޯގަސްޓް 30 ގައި ގާލާ ނައިޓް އަދި އޯގަސްޓް 31 ގައި މިއުޒިއަމް އަދި ތާރީޚީ ތަންތަނަށް ކަލްޗަރަލް ޓުއާއެއް ވަނީ ބާއްވާފައެވެ. ކޮންފަރެންސްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ސެޕްޓެމްބަރު 1ގައި ކޮންފަރެންސް ބައިވެރިންގެ މެދުގައި އެކުވެރިކަން އުފެއްދުމަށް ރާވާފައިވާ ޚާއްޞަ ދަތުރެއް އޮންނާނެއެވެ. ކޮންފަރެންސް ނިންމާލުމުގެ ގޮތުން، ކޮންފަރެންސްގެ ޗެއަރ ޑރ އާމިނަތު ޝާފިޔާ އާދަމް ދެއްކެވި ވާހަކަކޮޅުގައި އައި.ޔޫ.އެމް ގެ މުޅި ޓީމަށާއި، ސްޓިއަރިންގ ކޮމިޓީ، 168 ރިވިއުވަރުން، ވޮލަންޓިއަރުން އަދި ސްޕޮންސަރުންގެ އަގުނުކުރެވޭ އެހީތެރިކަމަށް ޚާއްޞަ ޝުކުރެއް ވަނީ އަދާކުރައްވާފައެވެ.