ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ފޮތް މައުރަޒު މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރުގެ ގޮތުގައި ބާއްވާ މި ފޮތް މައުރަޒު އޮންނާނީ އަންނަ ސެޕްޓެމްބަރ 3 އިން 5 އަށެވެ.
ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ ފޮތް މައުރަޒުގައި ޖުމްލަ 41 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ. އަދި މިއީ މި މައުރަޒު ބާއްވަން ފެށިފަހުން، އެންމެ ގިނަ އަދަދަކަށް ފޮތް އުފައްދާ އަދި ވިއްކާ މީހުން ބައިވެރިވި ފަހަރުކަމަށްވެސް އެ ޔުނިވަރސިޓީން ފާހަގަކުރައްވައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޮތް މައުރަޒަކީވެސް ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް، ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މައުރަޒެކެވެ. ކިޔަވާ ދަރިވަރުންނާއި، ޢާއިލާތަކާއި އަދި ފޮތް ކިޔުމަށް ލޯބިކުރައްވާ ފަރާތްތަކަށް މި މައުރަޒަށް ޒިޔާރަތްކުރުމަށް އެ ޔުނިވަރސިޓީންވަނީ ދަޢުވަތުދެއްވައެވެ. މައުރަޒު ހުޅުވިފައި ހުންނާނީ، އެ ތިންދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00އަށެވެ.
ފޮތް އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތައް އެއްތަނުން ބައްދަލުވުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ، އެމްއެންޔޫ ފޮތް މައުރަޒުގެ މަޤްޞަދަކީ މުޖުތަމަޢުގައި ފޮތްތަކަށް ޝައުޤުވެރިކަން އުފައްދައި، ފޮތަށް އަހުލުވެރިކޮށް، ފޮތް ކިޔުމުގެ އާދަ އަށަގަންނުވައި، ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް އެފަރާތަކުގެ ލިޔުމުގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގައި އެމް.އެން.ޔޫއިން ހާމަކުރައްވައެވެ.
